މިއީ ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެރަށުގައި ފެންބޮޑުވި ދެވަނަ ފަހަރެވެ.
މިއަދު ހެނދުނު ވާރޭވެހެން ފެށުމާއެކު ރަށުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަދެފައިވެއެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން ވެހުނު ވާރޭގައި ނިލަންދޫއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭރު ރަށުގެ 80 ޕަސަންޓު ގެތަކަށް ފެންވަދެ، ނަރުދަމާ ނިޒާމު ހަލާކުވެ، މަގުތަކަށް ނަޖިސް އެރިއެވެ.
މިއަދުގެ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ޔެލޯ އެލާޓެއް ނެރެފައެވެ. އެގޮތުން މިއަދު 11:30 އިން 15:30 އާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެއެވެ.