ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހާ އަތުލައިގަތީ އެ ކުންފުނީގެ މުވައްޒަފުންކަމަށެވެ. އަދި މި މީހާ ވަނީ އޭނާ ވައްކަް ކުރަނިކޮށް އަތުލައިގެން މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައިކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ވައްކަން ކުރި މީހާ ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާކަމަށް ފަހުމީ ވިދަޅުވިއެވެ.
ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ޓްރާންސްފޯމަރަކާ ގުޅާފައިވާ އޮޕްޓިކް ފައިބާ ކަނެކްޝަންތައް އޮޅުވާލައިގެން ސީސީޓީވީ ސިސްޓަމްތައް ޑިސެބަލް ކުރަން އުޅުނު ބަޔަކު މިރޭ އަތުލައިގެންފައިވާކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި އެތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. ހުޅުމާލޭގައި ހުރި ޓްރާންސްފޯމަރަކު ވައްކަން ކުރަން އުޅުމުގެ ތެރޭގައި މިދިޔަ އަހަރު މީހަކުވެސް ވަނީ މަރުވެފައެވެ.