މިއީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން ހޯދުނު މީހުންނެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަލަ ދައްލަވަމުން ވިދާޅުވީ ނިމިދިޔަ އަހަރަކީ ރާއްޖޭގައި ބޮޑުވެފައިވާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވަރަށް ހާއްސަ ވައުދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑިޕޯޓްކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވި ބިދޭސީންނާއި، ހަށި ވިއްކުމާއި ޖިނާއީ ބޮޑެތި ކުށްތަކުގައި ޝާމިލުވި ބިދޭސީން ހިމެނެއެވެ.
ސަރުކާރުން މިހާރު ދަނީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ދަނީ ފޯރުކޮށްދެމުންނެވެ.