އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ހައުސްގައި ބޭނުންކުރާ 20 އިންޖީނުގެ ތެރެއިން 5 އިންޖީނަށް މައްސަލަ ދިމާވެ، އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އަންނަނީ ކަރަންޓް ކަނޑަމުންނެވެ. މި މައްސަލަ ބޮޑުވެ އައްޑޫ ސިޓީ ތަމްސީލުކުރާ މަޖލިސް މެމްބަރުން އިއްޔެ ވަނީ ފެނަކައިގެ އިސްވެރިންނާއި ބައްދަލުވެސް ކޮށްފައެވެ.
ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހް ވިދާޅުވީ މައްސަލަ ޖެހުނު ފަސް އިންޖީނަށް ބޭނުންވާ ސްޕެއާ ސްޓެލްކޯގެ އެހީތެރިކަމާއި އެކު ލިބިފައިވާކަމަށެވެ. އަދި އެ ތަކެތި އަޅުވާ މިއަދު ހެނދުނު އެއް ޖަނަރޭޓަރު އަލުން ބޭނުން ކުރަން ފަށާނެކަމަށްވެސް ނަޖާހް ވިދާޅުވިއެވެ. އަދި އާ ޖެނެސްޓެއް ގެނެސް އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލަ ކުރިޔަށް އޮރް 48 ގަޑިއިރުތެެރޭގައި ހައްލުކުރާނެކަމަށްވެސް ފެނަކައާއި ދާދިފަހުން ހަވާލުވި ނަޖާހް ވިދަޅުވިއެވެ.
އަންނަ ރޯދަމަހަށް އައްޑީ ސިޓީގެ ކަރަންޓް ލޯޑު މަތިވާނެތީ އިތުރު ދެ ޖެންސެޓްް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ނަޖާހް ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި މިވަގުތު 26.8 މެގަވޮޓްގެ ކަރަންޓު ކެޕެސިޓީ ގާއިމުކުރެވިފައި ވީނަމަވެސް، އޭގެ ތެރެއިން ބޭނުންކުރެވޭ ހާލަތުގައި ހުރީ 15.5 މެގަވޮޓްގެ ކެޕެސިޓީއެވެ. އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 32 މެގަވޮޓްގެ އާ ޕަވާ ހައުސްއެއް އެޅުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިހާރު ވަނީ އަލުން ފަށާފައެވެ.