
ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށިން ހުކުރު ދުވަހު ހަވީރު، އެ ޓީމުގެ ފުރަތަމަ މެޗުން މޮޅުވީ، އެ އަތޮޅު ތުޅާދޫއާ ކުޅެ އެއް ލަނޑު ސުން ލަނޑުންނެވެ.
ބ. އަތޮޅުން މުބާރާތުގައި ކުޅެނީ ތިން ޓީމެވެ. އެއީ އޭދަފުށްޓާއި ތުޅާދޫގެ އިތުރުން ފެހެންދޫއެވެ. ތިން ޓީމު ހިމެނޭ ގްރޫޕުން އެއް މެޗުން މޮޅުވުމާއެކު، އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށްޓަށްވަނީ ފައިނަލްގެ ފުރުސަތު ބޮޑު ވެފައެވެ.
މި ފަހަރުގެ މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އޭދަފުށިން ކުޅުނީ، އެ ޓީމު އާއްމުކޮށް ބޭނުން ކުރާ ޖޯޒީގެ ބަދަލުގައި، ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރު ބްރެޒިލްގެ ޖޯޒީ ނަކަލު ކޮށްގެނެވެ. އެ މެޗުން، އޭދަފުށިވަނީ، ލ. ގަމު އަތުން ބަލިވެފައެވެ. އެ މެޗުގައި އޭދަފުށިން "ބްރެޒިލް ހެދިގެން" އުޅުމުން ގިނަ ބަޔަކު އެކަމަށް ފާޑު ކިޔާފައިވެއެވެ.
ތުޅާދުއާއި އޭދަފުށި ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުގައި އޭދަފުށީގެ ހަމައެކަނި ގޯލު ޖަހައިދީފައި ވަނީ ހުސެއިން ޝަރީފް އެވެ. މި އަތޮޅު ބުރުގައި ތިން ޓީމު ވާދަކުރާއިރު، ދެން ހިމެނެނީ ފެހެންދޫ އެވެ. މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބ. އަތޮޅުގެ ފައިނަލް ކުޅޭނީ ތިން ޓީމުގެ މެޗުގައި ލީގު ބުރެއް ކުޅެގެން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމުގެ މެދުގަ އެވެ.