އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ހިންގި އެންމެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އަމަލީ ގޮތުން ފައިސާ ދައުރުކުރުމުގައި ހަރަކާތްތެރިވި އެސްއޯއެފްގެ ވެރިންނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ހަދާފައިވާ ލުއި ދިނުމުގެ އެއްބަސްވުންތައް އުވާލަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރައްވަވައި އެއޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާ ގުޅިގެން މަރުހަބާ ދަންނަވާކަމަށެވެ. އަދި ރާއްޖެއިން ކޮރަޕްޝަން ނައްތާލެވޭނީ އެކަމަށް ތުހުމަތުކުރެވޭ އެންމެނާއި މެދު ހަމަހަމަކަމާއި އެކު އަމަލުކުރެވިގެންކަމަށެވެ.
ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މިދިޔަ ސަރުކާރުން އެއްބަސްވުން ހަދާފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އެސްއޯއެފްގައި އިސްކޮށް ހުރި މުހައްމަދު އައްލާމް ލަތީފްގެ އިތުރުން އޭނާއާ ގާތް އެކުވެރިންކަމަށްވާ އަހުމަދު އިސްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) އާއެކުއެވެ.