ފުރަތަމަ ފަހަރަށް ރައީސް ނަންތަށް ފޮނުވީ މިދިޔަ ހަފްތާގެ 16 ވީ ބުރާސްފަތި ދުވަހު ބޭއްވި ދައުރުން ބޭރުގެ ފުރަތަމަ ޖަލްސާގައެވެ. ނަމަވެސް އެ ސިޓީއާއި ހަވާލާ ދެއްވާ މަޖިލީހުގައި މިއަދު ބޭއްވި ދައުރުން ބޭރު ދެވަނަ ޖަލްސާގައި އިއްވި ސިޓީގައި ވަނީ ކުރިން ރައީސް ދެއްވި އެއް ނަމަށް ބަދަލު ގެންނަވާފައި ކަމަށެވެ.
އޭސީސީގެ ދެ ގޮނޑި ހުސްވީ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ އެ ދެ މެންބަރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައި ވަނިކޮށެވެ.
އެ ކޮމިޝަނަށް އައްޔަންކުރަން ރައީސް މިއަދު ފޮނުއްވި ދެ ނަމަކީ އަހުމަދު ނާޝިދު، މއ. ގޯލްޑަން މޫން އާއި އަބްދުﷲ ނާޝިދު، ފަސާނާ/ރ. އަލިފުށި އެވެ.
އެ ސިޓީ ގައި ވާ ގޮތުން އެންޓި-ކޮރަަޕްޝަން ކޮމިޝަންގެ ހުސްވެފައިވާ ދެ މެންބަރުކަމަށް އައްޔަންކުރުމަށްޓަކައި ގާނޫނު ނަމްބަރު 13/2008 (އެންޓި ކޮރަޕްޝަންގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ނ.ގައިވާ ގޮތުގެ މަތިން އާންމުކޮށް އިއުލާނު ކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން މިހާރު ރައީސް އަށް ފެންނަ ދެ ބޭފުޅުންގެ މައުލޫމާތު މި ސިޓީއާއި އެކު މިވަނީ ފޮނުވާފައެވެ.
ރައީސް ކުރިން ފޮނުވި ނަން ތަކުގެ ތެރޭގައި އަބްދުﷲ ނާޝިދުގެ ބަދަލުގައި ހިމެނެނީ އާސިޔާ އަޒީމާ، ރޯޒްވިލާ/ރ. ހުޅުދުއްފާރެވެ.އެ މަގާމަށް މީހުން އައްޔަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީންނެވެ.
އޭސީސީގެ މެންބަރުންގެ ގޮތުގައި މިހާރު ތިބި މެންބަރުންނަކީ އާދަމް ޝާމިލް(ރައީސް) ޝިޔާމާ މުހަންމަދު އަދި ޝަޒްނާއެވެ.