މި ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، އިތުރު ސަލާމަތީ ފީޗާތަކެއްވެސް ހިމަނާފައިވެއެވެ.
އެމްއެމްއޭ އިން ބުނީ މި ނޫޓުގެ ދެފަރާތުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާ ކަމަށެވެ. މި ގޮތުން ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކުގައި މި ނިޝާން ހިމަނާފައިވެއެވެ.
އާ ނޫޓުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސެކިއުރިޓީ ފީޗާއަކީ އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ފެންނަ ބައެއް މައުލޫމާތެވެ. މީގެ ތެރޭގައި ނޫޓުގެ ސީރިއަލް ނަންބަރާއި މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިގެން ދިއުން ހިމެނެއެވެ. މި ފީޗާތައް އާދައިގެ އަލީގައި ނުފެންނާނެއެވެ.
މި ނޫޓުގައި ކުރީގެ ގަވަރުނަރު އަލީ ހާޝިމްގެ ސޮއި ހިމެނިފައިވާއިރު، ނޫޓު ޗާޕުކުރި ތާރީހަކީ 7 ޖުލައި 2024 އެވެ. އެމްއެމްއޭ އިން ބުނާ ގޮތުގައި މި ނޫޓު 19 ޖެނުއަރީން ފެށިގެން ދައުރުކުރަމުން ގެންދާނެއެވެ.