ރަށުން ބޭރުގައި ބާސެލޯނާ ރޭ މޮޅުވީ، ފަސް ލަނޑު ހަތަރު ލަނޑުންނެވެ. ބެންފީކާގެ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުގައި ޖުމްލަ ތިން ޕެނަލްޓީ ފެނިގެން ގޮސްފައިވާއިރު މެޗުގެ އިތުރު ވަގުތުގައި ރެފްރީ ވަނީ ބެންފީކާގެ އާތޫރް ކެބްރަލް އަށް ރަތް ކާޑެއްވެސް ދައްކާފަ އެވެ.
ގްރީސްގެ ފޯވާޑް، ވަންޖެލިސް ޕަވްލީޑީސް ހެޓްރިކެއް ހަދައި ފުރަތަމަ ހާފުގައި ބެންފީކާ އަށް ރަނގަޅު ލީޑެއް ނަގައިދިންއިރު، މި ހާފުގައި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ވެސް ލަނޑެއް ޖެހި އެވެ. ރަފީނިއާ، ދެ ވަނަ ހާފުގައި ބާސެލޯނާ އަށް ލަނޑެއް ޖަހައިދީފައިވަނިކޮށް ރޮނާލްޑް އަރައުހޯ އަތުން ބައިކޮޅަށް ވަން ގޯލުން ބެންފީކާ އިން ދެ ގޯލުގެ ލީޑެއް އަލުން ނެގި އެވެ. ބާސެލޯނާ އިން ނަތީޖާ އަނބުރާލީ ފަހު ވަގުތު ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. މި ލަނޑުތައް ޖެހީ، ލެވަންޑޯސްކީ، އެރިކް ގާސިއާ އަދި ރަފީނިއާ އެވެ. ރަފީނިއާ، މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގަ އެވެ.
މި ނަތީޖާއާއިއެކު ބާސެލޯނާއަށް ވަނީ މި މުބާރާތުގެ ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުން 18 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ހޯދާފަ އެވެ. ބެންފީކާއަށް ހަތް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގަ އެވެ.