މި މައްސަލައިގައި ހައްޔަރުކުރެވުނު ފަސް މީހުންނަކީ 21 އަހަރާއި 56 އަހަރާ ދެމެދުގެ އުމުރުފުރައިގެ ބައެކެވެ. އެމީހުން ދަތުރުކުރަމުން ދިޔަ "އަށެންޕުތަ" ނަމަކަށް ކިޔާ މަސްބޯޓު ހިފީ މިދިޔަ އަހަރުގެ ފަހުކޮޅު ހދ. މަކުނުދޫ ސަރަހައްދުންނެވެ. އެ ބޯޓުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި 344 ކިލޯގެ ކްރިސްޓަލް މެތާއި 124.6 ކިލޯގެ ކޮކެއިން ހިމެނެއެވެ.
ފުލުހުން ބުނާ ގޮތުގައި މި މަސްތުވާތަކެތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެންނެވެ.
މި މައްސަލައިގައި ކުރިން ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވެސް ވަނީ 30 ދުވަހުގެ ބަންދު އަމުރެއް ނެރެފައެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން އިތުރު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދެވަނައަށް އިތުރު ކުރި 30 ދުވަހުގެ މުއްދަތު ހަމަވެގެން، އަނެއްކާވެސް 30 ދުވަހަށް މި މީހުންގެ ބަންދު ހުކުރު ދުވަހުވަނީ ޖާހަފައެވެ.