
މަޖިލީހުގެ ރައީސް އަބްދުއްރަހިމް އަބްދުﷲ އަށް އެޑްރެސްކޮށް އަޒާން ފޮނުވި ސިޓީގައި ބުނެފައިވަނީ އައްޑޫސިޓީ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލާގައި ފެނަކަގެ އިސްވެރިންގެ އިހްމާލާއި ފަރުވާކުޑަކަން އޮތްކަމަށް ގަބޫލުކުރާކަމަށެވެ.
އެގޮތުން އައްޑޫ އިންޖީނު ގެއަށް ބޭނުންވާ ސްޕެއާތައް ހޯދަން ހެޑް އޮފީހުގައި އެދުނުތާ އަހެރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ނުލިބޭ ސްޕެއާ އެބަހުރިކަމަށެވެ. އަދި އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ފެނަކައިގެ ވެރިން ބައްދަލުކުރި ދުވަހު އައްޑޫ ސިޓީއަށް ބޭނުންވާ ސްޕެއާތައް ހަފްތާއެއްގެ ތެރޭގައި ގެންދާނެކަމަށް ބުނި ނަމަވެސް މިހާތަނަށްވެސް އެ ތަކެތި އައްޑޫ ސިޓީއަށް ލިބިފައި ނުވާކަމަށް އަޒާންގެ ސިޓީގައިވެއެވެ.
އެހެންކަމުން ފެނަކައިގެ އިސްވެރިންގެ ޓީމުގައި ހިމެނޭ ހަ މީހަކު މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް ދިނުމަށް އަޒާން ވަނީ އެދިފައެވެ.
އަޒާން ހާޒިރުކުރަން އެދުނު ފެނަކައިގެ ވެރިން
- މުހައްމަދު ނަޖާހު - މެނޭޖިން ޑިރެކްޓަރު
- އަބްދުލް ވާހިދު - ކުރީގެ ޕްރޮކިއުމެންޓް ހެޑް
- މަރިޔަމް ޝަހުލާ - ޕްރޮކިއުމެންޓް ހެޑް
- އަބްދުﷲ ވަހީދު - ޗީފް ފައިނޭންޝިއަލް އޮފިސަރު
- މުހައްމަދު މަސްއޫދު - ކުރީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު
- އަބްދުﷲ ނާޝިދު - ޗީފް ޓެކްނިކަލް އޮފިސަރު
މަޖިލީހުގެ ކޮމިޓީއަށް އެ ބޭފުޅުން ހާޒިރުވާއިރު، އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލު ހޯދުމަށް ފެނަކައިން އެކުލަވާލައިފައިވާ ޓައިމްލައިނެއް ނުވަތް ޕްލޭނެއް އޮތް ނަމަ އެ މައުލޫމާތުވެސް ގެނައުމަށް އަޒާންގެ ސިޓީގައި ވަނީ އެދިފައެވެ.