
ޑިފެންސް މިނިސްޓްރީން ބުނީ މި ޒިޔާރަތުގައި ދެ ގައުމުގެ ދެމެދު ދިފާއީ ރޮގުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ޣައްސާން ދާދިފަހުން ވަނީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.
އެ ދަތުރުފުޅުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ތަމްރީނާއި ތައުލީމު ހޯދުމާއި ދެ ގައުމު ގުޅިގެން މަސައްކަތްތަކެއް ކުރުން ފަދަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
މިފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވެސް ވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ހަލީލް ވެސް ވަނީ އިންޑިއާއަށް ތައުރީފުކުރައްވައި، ރާއްޖެއިން ކުރިއަށްދާން ބޭނުންވަނީ އިންޑިއާއާ އެކުގައި ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ ސަރުކާރުގެ ފަހުކޮޅު ޕީޕީއެމް/ޕީއެންސީން ހިންގި އިންޑިއާ އައުޓް ކެމްޕޭނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕޭނެއް ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައި ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމުގެ ވައުދާ އެކުގައެވެ. އެ ވައުދާ އެއްގޮތަށް އިންޑިއާގެ ޑޯނިއާ މަތިންދާވޯޓާއި ހެލިކޮޕްޓަރުތައް ބަލަހައްޓަން މިހާރު ތިބެނީ މަދަނީ މީހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.