ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގައި ހިމެނޭ ހައުސިން މަޝްރޫއުތަކަށް ބީލަމަށް މިމަސް ނިނުމުގެ ކުރިން ހުޅުވާލާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމުގެ މަތިން، ރާއްޖޭގެ 57 ރަށެއްގައި ޕަބްލިކް ހައުސިން ޕްރޮޖެކްޓްގެ ދަށުން ބޯހިޔާވެހިކަމުގެ މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.
ހައުސިން ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވާގޮތް
މި މަޝްރޫއުގައި ހިމެނެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު ރާއްޖޭގެ 57 ރަށެއްގައި ޤާއިމްކުރުމުގެ މަސައްކަތްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި މަޝްރޫއުގެ ދަށުން އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓާނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައި.ސީ.ބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެން.ސީ.ބީ.) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބަޔާންކުރާ ހަމަތަކުގެ މަތިންކަމަށް ފިނޭންސްގެ އިއުލާންގަވެއެވެ.
މި މަޝްރޫގެ ދަށުން 50 ހައުސިން ޔުނިޓަށްވުރެ ދަށުން ހުރި ޔުނިޓްތައް އަޅަން ކުރިމަތިލެވޭނީ ހަމައެކަނި ދިވެހި ކޮންޓްރެކްޓަރުން އެކަންޏެވެ. ހުރިހާ ހައުސިން ޔުނިޓްތަކަށް ބިޑަށް ހުޅުވާލާފއިވަނީ ކޮންޓްރެކްޓް ފައިނޭންސް އުސޫލުންނެވެ.