މިގޮތަށް ނިންމީ އުވާލާފައިވާ އެ ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ނެތުމުންނެވެ.
ދަރުބާރުގޭގެ ކުއްޔަށް ދޫކުރި މުއްދަތަށް ޑީއާރްޕީން ދައްކަންޖެހޭ 83،000 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް އެ ހުކުމަށް އަމަލުކޮށްފައި ނުވާތީ، ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކޯޓުން އަމިއްލައަށް ކުރިއަށް ގެންދިޔަ އެވެ.
މި މައްސަލައިގައި ޑީއާރްޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެކައުންޓުން 5،000 ރުފިޔާ ކޯޓަށް ޖަމާކުރުވި ނަމަވެސް، އޭނާގެ ނުރުހުމުގައި އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށް ކަނޑައަޅައި، އެ ފައިސާ އަނބުރާ ރައްދުކޮށްފައިވެ އެވެ.
2023 ވަނަ އަހަރު ޑީއާރްޕީ އުވާލުމާ ގުޅިގެން، އެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައިދިނުމަށް ދައުލަތުން އެދުނު ނަމަވެސް، އެއީ ހުކުމް ތަންފީޒުކުރާ މައްސަލައެއްގެ ތެރެއިން ނިންމޭނެ ކަމެއް ނޫން ކަމަށް ކޯޓުން ކަނޑައެޅި އެވެ.