ރޭ ދިއްދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއަރޕޯޓް އެޅުމާ ގުޅިގެން އެރަށުގެ ބަނދަރަކީ ވަރަށް މުހިންމު ބަނދަރަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން ބަނދަރުގެ ނެރުގެ މައްސަލަ ހައްލުކޮށް، ބަނދަރުގެ މަސައްކަތް ފުރިހަމަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެއަރޕޯޓް އެޅުމާ ގުޅިގެން ކުރިއަށް ގެންދަވާނެ އިތުރު މަޝްރޫއުތަކުގެ ތެރޭގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އެޅުމާއި، ފަތާ ޓްރެކް އެޅުމާއި، މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރުން ހިމެނެއެވެ. މީގެ އިތުރުން އޮޑިދޯނިފަހަރުގެ މަސައްކަތްތަކަށް ބޭނުންވާ ސަރަހައްދެއް ވެސް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދިއްދޫގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް 200 ހައުސިން ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށް ވެސް ރައީސް ވަނީ އިއުލާންކުރައްވާފައެވެ. އަދި އެއާޕޯޓުގެ ބިން ހިއްކުމާއެކު ރަށަށް ބޭނުންވާ އިތުރު ބިން ވެސް ހިއްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ.