ads
ސުޕްރީމް ކޯޓުގެ ފުލް ބެންޗު
ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަނީ
ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކިކުރުމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތް ބަޔާންކޮށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުގެ ފުލް ބެންޗުން ބަލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
Advertisement

ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކިކުރުމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތް ބަޔާންކޮށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިންއެވެ. މި މައްސަލައަށް ތަދައްހުލްވާން އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއަށް ސުޕްރީމް ކޯޓުން ފުރުސަތު ދީފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މި މައްސަލަ އަދި ތާވަލުކޮށްފައި ނުވިނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ކުރިއަށް ގެންދާނީ، އުއްތަމަ ފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާގޮތަށް، ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗަކީ ހަތް ފަނޑިޔާރުންނެވެ. މި މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އަދި އާއްމުކޮށް މައުލޫމާތު ދީފައެއް ނުވެއެވެ. 

އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާއި، ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ހިލާފު ކަމަށެވެ.

އެ ބަދަލު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށް އަލީ ހުސައިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ. އަދި އެއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ އިސްލާހެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެ އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ އިސްލާހަށް އަމަލުކުރެވޭ މުއްދަތުގައި ވެސް، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ހިނގާނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އަލީ ހުސައިން އެދިވަޑައިގެންފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް