"އެއްގެއިން އަނެއްގެއަށް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގެ ގޭގެއިން ނެރޭ ތަކެތި ބޭނުންވާ ފަރާތްތަކަށް ހިލޭ ފޯރުކޮށްދޭނެކަމަށް އެޗްޑީސީން ބުނެއެވެ. މި ޕްރޮގްރާމު ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 16 ވަނަދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ފަރުނީޗަރާއި އިލެކްޓްރޯނިކް ތަކެތި ފަދަ ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ގޭގެއިން ނަގައި، އެތަކެތި ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭނެކަމަށް އެޗްޑީސީން ބުނެއެވެ.
މި ހަރަކާތުގެ ދަށުން ފުރަތަމަ ދުވަހު ހަދިޔާ ކުރެވިފައިވާ ތަކެތި ރުއްގަނޑު 1ގައި ބެހެއްޓިފައި ހުންނާނެކަމަށް އެޗްޑީސީން ބުނެއެވެ. މި ސަރަހައްދުން ބޭނުންވާ ތަކެތި ފާހަގަ ކުރުމުން އެޗްޑީސީގެ ޓީމުން ތަކެތި ގޭގެއަށް ގެންގޮސްދޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ރަމަޟާން މަހުގެ ރޫހާ އެއްގޮތަށް އެކަކު އަނެކަކަށް އެހީތެރިވުމުގެ އިތުރުން، ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި މަދުކުރުމެވެ. އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އަލުން ބޭނުންކުރުމަށް ހިތްވަރުދިނުމެވެ.
ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން އެކަން ކުރެވޭނެއެވެ. އަދި ތަކެތި ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ އާދިއްތަ އިން ބުރާސްފަތި ދުވަހަށް 15:00 އިން 18:00 އަށެވެ. ހުކުރު ދުވަހު 15:00 އިން 18:00 އަށް އަދި ހޮނިހިރު ދުވަހު 10:00 އިން 18:00 އަށެވެ.