
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލޭގެ ދެ ތަނެއް ބަލާ ފާސްކޮށްފައިވާކަމަށެވެ.
ފުލުހުންނާއި އިމިގްރޭޝަން އޮފިސަރުން އިއްޔެ ބަލާ ފާސްކުރި ދެ ތަނުންގެ ތެރެއިން އެއްތަނަކީ ފިލައިގެން އުޅޭ ބިދޭސީން އުޅެމުން އަންނަ ތަނެއްކަމަށް އެ އިދާރާއަށް ލިބުނު ރިޕޯޓްތަކުގައި ވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މިތަނުން އެއް ބިދޭސީއަކުން ހައްޔަރުކޮށްފައިވާކަމަށްވެސް އިމްގރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބިދޭސީން ފިލައިގެން އުޅޭކަމަށް ބުނާ ތަނަކީ ކުޑަކުޑަ ކޮޓަރި ގަޑެކެވެ. ބަންކު ބެޑު ޖަހާފައި ހުރި އެތަނުގައި ދެތިން މީހުން އުޅޭކަމަށް ބެލެވެއެވެ.
ބިދޭސީން އުޅޭތަނަށް އިމިގްރޭޝަނުން ވަދެ ބަލަނީ
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5613 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ޑިޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ޑީޕޯޓްކުރި މީހުންގެ ތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހުންނާއި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވި ބިދޭސީންނާއި، ހަށި ވިއްކުމާއި ޖިނާއީ ބޮޑެތި ކުށްތަކުގައި ޝާމިލުވި ބިދޭސީން ހިމެނެއެވެ.
ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް މަގާމާއި ހަވާލުވެޑައިގަތުމަށްފަހު ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.