މި ބަހުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ފެބްރުއަރީ 7 ވަނަ ދުވަހު އެވެ.
އެ ޕާޓީގެ އެކްސް އެކައުންޓުން ހާމަކުރި ގޮތުގައި، މި ބަހުސްގެ މައުލޫއަކީ "ޑިމޮކްރެސީ ޔޫޓާން ނެގީ ކޮންއިރަކު؟" އެވެ. މި ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އާންމު އެންމެންނަށެވެ. ނަމަވެސް ބަހުސް ބާއްވާނެ ތަނެއް އަދި އިއުލާނެއް ނުކުރެ އެވެ.
މިނިވަން ބަހުސްގެ ނަމުގައި ކުރިން ބާއްވަމުން އައި ބަހުސްތަކަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިސްލާހީ އެޖެންޑާއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފެށި ހަރަކާތެކެވެ. ފުރަތަމަ މި ބަހުސްތައް ބާއްވަމުން ދިޔައީ މާލޭގެ ސްކޫލް ހޯލްތަކުގަ އެވެ. ނަމަވެސް ސަރުކާރާ ދެކޮޅު އަޑުތައް ގަދަވުމާ ގުޅިގެން ސްކޫލް ހޯލްތައް ބަންދުކޮށް، ބައެއް މީހުން ހައްޔަރުކުރި އެވެ.
އޭގެ ފަހުން މިނިވަން ބަހުސް ބާއްވަމުން ދިޔައީ ލޮނުޒިޔާރަތްކޮޅުގައި ހުރި ބަޖިޔާ ގާ ކައިރީގަ އެވެ. އެ ތަނުގައި ވެސް ސިފައިން އައިސް ބަހުސް ހުއްޓުވައި، ބައެއް މީހުން ހައްޔަރުކުރި އެވެ. މި ހާދިސާއަކީ 2004 ވަނަ އަހަރުގެ އޯގަސްޓު މަހު ޖުމްހޫރީ މައިދާނަށް ގިނަ ބަޔަކު އެއްވުމަށް މެދުވެރިވި އެއް ސަބަބެވެ.