
މިގޮތުން 2010 ވަނަ އަހަރު މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށްލުމަށް 2011 ވަނަ އަހަރު ކްރިމިނަލް ކޯޓުން ނިންމިއެވެ. އެ ހުކުމް 2015 ވަނަ އަހަރު ހައިކޯޓުން ވަނީ ދަމަހައްޓާފައެވެ.
ނަޒާހާގެ މައްސަލަ ބަލަނީ ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ނަމަވެސް ހުކުމް އިއްވަން ތާވަލުކުރެވުނީ ދެ އަހަރު ފަހުންނެވެ. އަދި ކޯޓުގެ އަޑުއެހުންތަކުގައި ނަޒާހާ ބުނެފައިވަނީ ޝާހިދު މަރާލީ ގެވެށި އަނިޔާއިން ސަލާމަތްވުމަށް އަމިއްލަ ދިފާއުގައި ކަމަށެވެ.