![](https://cnm.mv/media/images/nananananana.jpeg)
އެންސްޕާ ހިންގަން އިމާރާތެއް ހޯދަން އިއުލާންކޮށްފައި މިވަނީ އެ ތަނުން ކުއްޔަށް ހިފި އިމާރާތުގެ ދެ ފްލޯ މޯލްޑިވްސް މީޑިއާ ހައުސްއިން ހިންގާ އެމްއެމްޓީވީއަށް ކުއްޔަކާ ނުލައި ދީފައިވާކަމަށް ބުނެ އެކަމުގެ ފާޑުކިޔުންތައް އަމާޒުވުމުން އެ އެއްބަސްވުން ބާތިލުކޮށްފައިވަނިކޮށެވެ.
އެންސްޕާގެ އޮފީސް ހިންގަން މޯލްޑިވްސް މީޑިއާ ހައުސިން އޮފީސް އިމާރާތެއް ކުއްޔަށް ދީފައި ވަނީ ފަސް އަހަރަށް 34.8 މިލިއަން ރުފިޔާކަމަށް ވެއެވެ. މިވާހަކަތައް އެންސްޕާއިން ވަނީ ދޮގުކޮށްފައެވެ.
އެންސްޕާ ހިންގާނެ ތަނަކާއި އަދި އެ ތަނުން ދެ ފްލޯ އެމްއެމް ޓީވީ އަށް ކުއްޔަށް ދިނީ ފިނޭންސް މިނިސްޓްރީގެ ލަފާ އާ އެކު ކަމަށާއި އެކަން ކުރީ އޯޕަން ޓެންޑާއިން ހުޅުވާލައިގެން ކަނޑައެޅިފައި އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް އެންސްޕާ އިން ވަނީ ބުނެފައެވެ.
އެންސްޕާއިން އެއްބަސްވުން ބާތިލުކުރަން ނިންމީ އެމްއެޓީވީގެ އަގު ވައްޓާލައި، ބަދުނާމު ކުރުމަށް ހަގީގަތާ ޚިލާފު އެތައް ވާހަކަތަކެއް ދައްކައި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުން ދިޔުމުގެ ސަބަބުން އެ ކުންފުންޏަށް މާއްދީ ގޮތުންނާއި މައުނަވީ ގޮތުން ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމާ ކުރިމަތިވެފައިވާ ކަމަށް ބުނެެއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އެދިލެއްވުމުގެ މަތިން އެ އެޖެންސީ ހިންގާނެ އޮފީސް އިމާރާތެއް 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަމަށެވެ.
މި ޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް މިމަހުގެ 16 ވާ އާދިއްތަ ދުވަހުގެ 13:00:00ގެކުރިން ކަމަށްް ފިނޭންސުން ބުނެއެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ މިމަހުގެ 17 ވާ ހޯމަ ދުވަހުގެ 13:00:00ގައެވެ.