އެޗްޑީސީން މިއަދު ބުނީ މިވަގުތު ރަސްމާލެ މަޝްރޫޢުގެ "އޭރިއާ ޑީ، އެފް، ޖީ އަދި އެލް" ގެ މަސައްކަތް ކުރިއަށްދާއިރު، މި ސަރަހައްދުތަކުގެ ހިއްކުމުގެ މަސައްކަތުގެ 9 ޕަސަންޓު ވަނީ ނިމިފައެވެ. މީގެ އިތުރުން "އޭރިއާ ޖޭ" ގައި ހިމެނޭ 29 ހެކްޓަރުގެ ސަރަހައްދު ވަނީ މުޅިން ހިއްކައި ނިމިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އުއްމީދީ މަޝްރޫޢުގެ ގޮތުގައި ކުރިއަށްދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ޖުމުލަ 1,153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންނެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން 65,000 ގެދޮރު އެޅުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢު އަވަސްކުރުމަށް އިތުރު ޑްރެޖަރުތަކާއެކު މަސައްކަތް ދެތިން ގުނަ އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.