ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަކީ ވަރަށް ރަނގަޅު ވިސްނުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށެވެ. މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިހާބަށްފަހު އަންނަ މަޖިލިސް އިންތިހާބުގައި ސަރުކާރުން ދާއިރާތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް، މި ބަދަލު ގެނައުމުގައި "ދެކޮޅަށް ވާހަކަދެއްކޭނެ ކަންކަން ވެސް ހުރި ކަމަށް،" ގާސިމް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ވެރިކަމުގައި ހުންނަ ފަރާތަށް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުން ހިމެނޭކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ފެހި ގާނޫނު އަސާސީގެ ދަށުން މިހާތަނަށް އެއްވެސް ރައީސަކަށް ވެރިކަން ދިފާއެއް ނުކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މި އަހަރު ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. މި ބަދަލު ގެނެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށާއި، މި ބަދަލާ އެކު މިހާރުގެ މަޖިލިސް ދައުރު ފަސް އަހަރަށް ވުރެ ކުރުވާނެ އެވެ.