މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މި ލޯނު ސްކީމަކީ 5 ޕަސަންޓު ފައިދާގައި ދޫކުރާ ލޯނު ސްކީމެކެވެ. އަދި މި ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ސްކީމްގެ ދަށުން ލޯނު ދޫކުރަން ފެށޭނީ މި އަހަރުގެ ޖުލައި މަހުންނެވެ.
މި ލޯނުގެ ބޭނުންކޮށްގެން އާ ގެއެއް އިމާރާތްކުރުމާއި، ހަދަން ފަށާފައި ނުނިމިހުރި ގެ ނިންމުމާއި، އަދި ހަދާފައި ހުރި ގެ މަރާމާތުކުރުމަށް ވެސް ބޭނުންކުރެވޭނެއެވެ. މި ލޯނު ސްކީމަކީ ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަމާޒުކޮށްގެން ތައާރަފުކުރާ ސްކީމެކެވެ.
ސަރުކާރުން މި ލޯނު ސްކީމަށް 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން މި ހުރިހާ އެހީތެރިކަމެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.