
ބީއެމްއެލްއިން އެ ހިދުމަތް ތައާރަފު ކުރީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން މިއަދު ބޭއްވި އަހަރީ އާންމު ބައްދަލުވުމުގަ އެވެ.
އެ ހިދުމަތް އިފުތިތާހުކޮށްދެއްވީ، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއެކު ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ހުސެއިން އަފީފެވެ.
މިއީ ތިމާވެއްޓާ ރައްޓެހި މަޝްރޫއުތަކަށް އެހީތެރިވުމަށްޓަކައި އަހަރަކު 6.5 ޕަސެންޓުގެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި 50 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ފެސިލިޓީއެކެވެ. އެ ބޭންކުން ވަނީ ފަސޭހަކަމާއެކު، ވާކިން ކެޕިޓަލް ލިބޭނެ ގޮތަށް ކުރު މުއްދަތުގެ އޯވަޑްރާފްޓް ފެސިލިޓީއެއް ވެސް ތައާރަފު ކޮށްފަ އެވެ.
މީގެ އިތުރުން ކާޑު މެޝިނުން ރިސޯޓަށް ލިބޭ ފައިސާއިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފަސޭހަ ގޮތްތަކެއް ލިއްބައިދޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައި ދެއްކެވި ވާހަކައިގައި ޝަރީފް ވަނީ ބީއެމްއެލްގެ ހަރުދަނާ މާލީ ހާލަތާއި ބޭންކިންގެ ފުޅާ ނެޓްވޯކާއި އަދި ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ އުފެއްދުންތަކުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ.
ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި، ބީއެމްއެލް އިން އަހަރަކު 150 މިލިއަނަށް ވުރެ ގިނަ މާލީ އެކި މުއާމަލާތުތައް ކުރާ ކަމަށާއި އެ މުއާމަލާތުތަކުގެ އަގު ގާތްގަނޑަކަށް 500 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.
އޭގެ ތެރޭގައި ޓޫރިޒަމްގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ކުރާ ގިނަ އަދަދެއްގެ ޔޫއެސް ޑޮލަރުގެ މުއާމަލާތުތައް ހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޓޫރިޒަމް ވިޔަފާރިތަކާއި ޓޫރިސްޓުންނަށް އެއްވެސް ދަތިކަމެއް ނެތި މާލީ މުއާމަލާތުތައް ކުރެވޭނެކަން ކަށަވަރު ކޮށްދިނުމަށްޓަކައި، ރިސޯޓު ތަރައްގީ ކުރުމަށް ފައިނޭންސް ކޮށްދިނުމުގެ އިތުރުން، ބޭންކުން ވަނީ ވާކިން ކެޕިޓަލް، ވިޔަފާރި ފައިނޭންސިން އަދި ޑިޖިޓަލް ޕޭމަންޓް ހައްލުތައް ގެނެސްދީފައިވާ ކަން ވެސް ޝަރީފް ފާހަގަކުރެއްވި އެވެ.
ބީއެމްއެލްގެ ކޯޕަރޭޓް ކަސްޓަމަރުން ގްރީން ރިސޯޓް ފައިނޭންސިންއާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންނަމަ، އެ ކަސްޓަމަރަކަށް ހާއްސަކޮށްފައިވާ ރިލޭޝަންޝިޕް މެނޭޖަރުންނާ ގުޅުމުން މައުލޫމާތު ސާފުކޮށްދޭނެ ކަމަށް އެ ބޭންކުން ފާހަގަކޮށްފައިވެ އެވެ.
މިއަދު ބޭއްވި މަޓީގެ އަހަރީ އާންމު ޖަލްސާގައި ޓޫރިޒަމް ދާއިރާގެ 111 ފަރާތަކުން ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ގަވަރުނަރު އަހުމަދު މުނައްވަރާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރާއި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.