
އަންނަ ރޯދަމަހު ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހިލޭ ދޭން ނިންމާ އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މި ސަރުކާރަށް އެއް އަހަރު ފުރުމުގެ މުސާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ނިންމުމާއި ގުޅިގެން މިފްކޯއިން ބުނީ ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ 48 ދަޅުގެ މަސްކޭހެއް ކަމަށެވެ.
މަސްދަޅު ކޭސްތައް ބަހަމުން އަންނަނީ ލޯކަލް ގަވާމެންޓް މިނިސްޓްރީއާ އެސްޓިއޯ ގުޅިގެންނެވެ. އެގޮތުން މަސްދަޅު ކޭސް ބަހަން ފެށީ ހދ. އަތޮޅުން ކަމަށާއި އެ އަތޮޅުގެ ރަށްތަކަށް މަސްދަޅު ކޭސްތައް ބަހަން ފަށާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
ބައެއް އަތޮޅުތަކަށް މަސްދަޅު ކޭސް ބަހާކަމަށް ލޯކަލް ގަވާމެންޓް މިނިސްޓްރީން ބުނިނަމަވެސް މާލެއާއި ދެން ހުރި ސަރަހައްދުތަކުގައި އެކަން ކުރަން ނިންމާފައިވާ ގޮތެއް މިނިސްޓްރީއަކުން ބުނެފައެއް ނުވެއެވެ.
ރޯދަމަހު 82 ހާސް ގޭބިސީއަށް މަސްދަޅު ބަހާނެކަމަށާއި މަސްދަޅު ބެހުމުގެ ކަންކަން ކުރިޔަށް ގެންދާނީ އެސްޓިއޯއިން ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ހިލޭ ދިނުމަށް 46 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ދިން ފުރަތަމަ ޑިސްކައުންޓެއްގެ ގޮތުން މިދިޔަ ރޯދަމަހު ސަރުކާރުން ކަރަންޓް ބިލުން ޑިކްސްކައުންޓް ދީފައިކަމަށެވެ. އެގޮތުން ކަރަންޓް ބިލުން މިދިޔަ ރޯދަމަހު 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާކަަމަށެވެ. މީގެއިތުރުން މިދިޔަ ރޯދަމަހު 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑު ދޫކޮށްފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.