
ގާސިމް މިހެން ވިދާޅުވީ އއމަނިކުފާނުހެ ހަޔާތްޕުޅުގެ މައްޗަށް ލިޔުއްވި ބަޔޯގްރަފީ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ އޭނާގެ ހަޔާތުގައި ލިބިވަޑައިގެންނެވި ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ ހަޔާތުގެ ކުރީކޮޅު އެންދެރިމާގެއިން ދަސްވި އަހުލާގާއި ސުލޫކާއި މަސައްކަތެރިކަމުގެ ނަމޫނާއިން ކަމަށެވެ. އަދި ގާސިމް ވަނީ އެންދެރިމާގޭ ބޭފުޅުންނާއި ރައީސް މައުމޫން ކޮށްދެއްވިކަން ކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
ގާސިމް ވިދާޅުވީ ބައެއް ބޭފުޅުން ރައީސް މައުމޫނަކީ ޑިކްޓޭޓަރެއްކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނު ބޭނުންފުޅު ނުވިނަމަ މިހާރު ރާއްޖޭ މި ދެކޭ ޑިމޮކްރަސީ ރާއްޖެއަށް ނާންނާނެކަމަށެވެ.
ގާސިމް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރެސީ ލިބުނީ މައުމޫން ބޭނުންފުޅުވުމުން ކަމަށާއި ޑިމޮކްރަސީއަށް މައުމޫން ފުރުސަތު ދެއްވީ ގައުމުގެ ހާލަތު ބަދަލުވެއްޖެކަން އެ މަނިކުފާނަށްވެސް އެނގިވަޑައިގެންނެވުމުން ކަމަށެވެ.
ގާސިމް ވިދާޅުވީ މިހާރު ތަންފީޒުވަމުން އަންނަނީ މައުމޫން އިސްލާހީ އެޖެންޑާ ހިމެނުއްވި ކަންތައްތައް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން އެކަން ކުރައްވަން ބޭނުންފުޅު ނުވިނަމަ މަގުމަތީ ހަޅޭލެވި މީހުން އަދިވެސް ތިބެން ޖެހޭނީ އެގޮތަށް ކަމަށެވެ.
800 ވުރެ ގިނަ ސޮފްހާ ހިމެނޭ ގާސިމްގެ ބަޔޯގްރަފީ " ގާސިމް އިބްރާހިމް : ލާމަސީލު ދިވެހި ދަރިއެއް" މި ފޮތް ލިޔުއްވާފައި ވަނީ ތަޖުރިބާކާރު ނޫސްވެރިރާ މުހައްމަދު ޖަމީލްއެވެ. މީ ނޫސްވެރިކަމުގައި 34 އަހަރަށް ވުރެ ގިނަދުވަސް ހިދުމަތް ކުރައްވާފައިވާ ޖަމީލުގެ ތިންވަނަ ފޮތެވެ. މީގެކުރިން ޖަމީލް ވަނީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން ނިމި ދޔަ ގޮތުގައި މައްޗަށް 'އޯކިޑް' ގެ ނަމުގައި ފޮތެއް އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބަޔޯގްރަފީ 'އިންސާފު' މި ނަމުގައި ފޮތެއް ނެރުއްވާފައެވެ.