ads
މިދިޔަމަހު ރިސޯޓްތަކުން 50 މިލިއަނަށް ވުރެ ގިނަ ޑޮލަރު މާރުކޮށްފި
ބޭރު ފައިސާގެ ގާނޫނުގެ ދަށުން މިދިޔަ މަހު ރިސޯޓްތަކުން 50 މިލިއަނަށްވުރެ ގިނަ ޑޮލަރު މާރުކޮށްފައިވާކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކުން އެމްއެމްއޭއިން ބުނެފިއެވެ.
Advertisement

ރިސޯޓުތަކަށް ލިބޭ އާމްދަނީން ދިވެހި ރުފިޔާއަށް ބޭންކުތަކުގައި މާރުކުރަން ލާޒިމުވާ ގަވާއިދުގެ ދަށުން މިދިޔަ އޮކްޓޯބަރު މަހު ރިސޯޓުތަކަށް ލިބުނު އާމްދަނީން ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު މާރުކުރާނެ ކަމަށް ބެލެވޭ ކަމަށް މަރުކަޒީ ބޭންކް ކުރިންވެސް ލަފާކުރިއެވެ. 

އެމްއެމްއިން އާއްމުކުރި ހިސާބުތަކުން ބުނީ މިދިޔަ މަހުގެ ނިޔަލަށް އޮކްޓޯބަރުގައި ލިބުނު އާމްދަނީއަށް ބިނާކޮށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވާކަމަށެވެ. މީ މަރުކުރާނެކަމަށް އެ ބޭންކުން އަންދާޒާ ކުރި ވަރަށް ވުރެ 10 މިލިއަން ޑޮލަރު އިތުރު އަދަދަކެވެ.

އެމްއެމްއޭއިން ބުނީ މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން 90 އިންސައްތަ ރިސޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާކަމަށެވެ. އަދި މިކަމުގައި ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އެއްބާރުލުން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. 

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ދިވެހިންނަށް ވެލާނާ އެއާޕޯޓުން ފުރާ ކޮންމެ މީހަކަށް، ދޫކުރާ ޑޮލަރު ދެގުނަ ކުރައްވާނެކަމަށެވެ. ބޭރުފައިސާގެ ޤާނޫނު ތަންފީޒުވާން ފެށުމުން ވެލާނާ އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ދޫކުރަމުންދާ 500 ޑޮލަރު ދެގުނަކޮށް ކާޑު ލިމިޓު އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ބޮޑު ކޮށްދެއްވާނެކަަމަށްް ރައީސް ވިދާޅުވިއެވެ.

" ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓާގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. އަދި 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ. މިކަންކަންކަމަކީ ޤާނޫނު ތަންފީޒުވަމުންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި، ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންކަން. " ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބޭރު ފައިސާގެ ގާނޫނު ބުނާ ގޮތުން ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި އެނޫންވެސް ތަންތަނުން ހިދުމަތްދޭ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު މާރު ކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެއެވެ.

މީގެ އިތުރުން ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކުގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 އެމެރިކާ ޑޮލަރު މާރުކުރަންޖެހެ އެވެ. ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް