
މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމުގެ ކުރިން، އެކަށީގެންވާ ވަގުތު އޮއްވާ ދަރިވަރުން ސްކޫލުތަކަށް ވެއްދުމުގެ މަސައްކަތް ދުރާލާ ކުރަމުން އަންނަކަމަށެވެ.
އެގޮތުން 2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުން ކިޔަވަމުންދާ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރާނަމަ، އެކަމަށް އެދުމުގެ ފުރުސަތު އަންނަމަހުގެ 6 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
މިނިސްޓްރީން ބުނީ ދަރިވަރުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުވުމަށް އެދޭނަމަ، "ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމަށް އެދޭ ފޯމު" ބެލެނިވެރިޔާ ހުށަހަޅަންޖެހޭނީ މިހާރު ދަރިވަރު ތައުލީމު ހާސިލުކުރަމުން އަންނަ ސްކޫލަށްކަމަށެވެ. މި ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭން ހުންނާނެކަމަށްވެސް އެޑިއުކޭޝަނުން ބުނެއެވެ.
މި ދުވަސްވަރަކީ ދަރިވަރުންގެ އިމްތިހާނާއި އެސެސްމެންޓްތައް އަދި ދަރިވަރުންގެ ރިޕޯޓް ފޯމު ތައްޔާރުކުރާ ދުވަސްވަރަށްވުމުން، މި އަހަރުގެ ދިރާސީ އަހަރުގެ ބާކީ ދުވަސްކޮޅުގެ ތެރޭގައި ދަރިވަރުން އެއްރަށެއްގެ ސްކޫލުން އަނެއް ރަށުގެ ސްކޫލަށް ބަދަލުވުމުގެ ކަންތައްތައް ކުރިއަށް ނުގެންދާނެކަން ސްކޫލުތަކަށް އަންގާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.