ads
20 ވަނަ ރައްޔިތުންގެ މަޖިލިސް
ގޭންގު ކުށްތަކާއި ބެހޭ ބިލު މަޖިލިހަށް ބަލައިގަނެ ކޮމެޓީއަށް
ސަރުކާރުން މަޖިލިހަށް ހުށައެޅި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު މަޖިލިހަށް ބަލައިގެން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.
Advertisement

ސަރުކާރުގެ ފަރާތުން މަޖިލިހަށް މި ބިލް ހުށައެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އެވެ. މިދިޔަ ދައުރު ނިންމާ މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން ބިލްގެ ފުރަތަމަ ކިޔުން އިއްވި ނަމަވެސް މި ބިލްގެ އިބްތިދާއީ ބަހުސް ކުރިޔަށް ގެންގޮސްފައިވަނީ މިއަދުއެވެ. 

މި އަދުގެ ބަހުސްގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ ބިލާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެތެރޭގައި ސަރުކާރަށް މނިސްބަތްވާ ބައެއް މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން ބިލުގެ ނަމަކަށް ގޭންގުކުށް ޖަހާފައި އޮތުމުން އެކަން ކޮމެޓީ މަރުހަލާގައި ބަދަލުކުރުމަށް ބައެއް މެމްބަރުން ވަނީ ގޮވާލާފައެވެ. އަދި މި ބިލުން ފުލުހުންނަށް ބޮޑެތި ބާރުތަކެެއް ލިބޭތީ އެކަމުގެ ކަންބޮޑުވުމާއި މި ބިލްގެ ދަށުން ބަންދުކުރާ މީހުންނަށް 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލެއްގެ ފުރުސަތު ނުލިބޭކަމަށް އޮތް އޮތުމަށްވެސް ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މި ބިލް މަޖިލިހަށް ބަލައިގަތީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. 

މި ބިލުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތައް 

  • މަސްތުވާތަކެތި ޓްރެފިކްކުރުން 
  • މީހުން ޓެރެފިކްކުރުން 
  • ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުމުގެ ކުށް
  • ކޮއިން ނުވަތަ ނޫޓް ކައުންޓާފީޓް ކުށް
  • އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލު އަދަބު އަންނަ ހުރިހާ ކުށެއް

 ނުރައްކާތެރި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާކަންކަން 

  • މީހަކު މަރާލުން
  • މާރާމާރީ ހިންގުން
  • މީހަކަަށް ޖިސްމާނީ ބޮޑު އަނިޔާއެއް ދިނުން
  • މީހަކު ކިޑްނެޕް ކުރުން 
  • މީހަކަށް ބިރު ދެއްކުން

މި ބިލުގައި ވ ގޮތުން މީހަކު މަރާލައިފިނަމަ އެމީހަކަށް ކަނޑައަޅާފައިވަނީ މަރުގެ އަދަބެވެ. އަދި މަރުގެ ދިޔަަ ދައްކަން ޖެހިއްޖެނަމަ އަދަބަކީ 25 އަހަރަށް ޖަލުމެވެ.  

މާރާމާރީ ހިންގައިގެން އެ ކުރި އަމަލަކުން މީހަކު މަރުވެއްޖެ ނަމަ، 25 އަހަރަށް ޖަލަށްލުމާއެކު، 2 ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާގެ އަދަދަކުން ޖުރިމަނާ ކުރެވޭ ގޮތަށް ވަނީ ބިލުގައި ހިމަނާފައެވެ. 

މާރާމާރީ ހިންގައިގެން މީހަކު މަރުނުވާ ހާލަތުގައި 20 އަހަރުގެ ޖަލު ހުކުމަކާއެކު، 1 ލައްކަ ރުފިޔާ އާއި 7 މިލިއަން ރުފިޔާގެ ޖޫރިމަނާ އަންނާނެއެވެ.  

މީހަކު ރަހީނުކޮށް ކިޑްނެޕް ކޮށްފިނަމަ، 15 އަހަރަށް ޖަލަށްލުމާއެކު، 75،000 ރުފިޔާއާއި 3 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރަން ވަނީ ބިލުގައި ހިމަނާފައެވެ. މީހަކަށް ބިރުދައްކައިފިނަމަ، 10 އަހަރަށް ޖަލަށްލުމާއެކު، 50،000 ރުފިޔާ އާއި 500،00 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރަންވެސް ބިލުގައި ހިމަނާފައިވެއެވެ. 

ގޭންގް އުފައްދުމާއި ގޭންގަށް މީހުންނާާއި ކުޑަކުދިން ވެއްދުން ބޮޑު އަދަބެއް

ބިލުގައިވާ ގޮތުން ގޭންގު ނުވަތަ ކުށްކުރާ ގްރޫޕެއް އުފައްދައިފިނަމަ އެކަމުގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު 200،000 ރުފިޔާ އާއި 10 މިލިއަން ރުފިޔާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެފަދަ ގޭންގެއް އުފައްދަން އެހީތެރިކަން ދޭ މީހުންނަށްވެސް މި ބިލުގައި ވަނީ އަދަބު ކަނޑައަޅާފައެވެ. އެމީހެެއްގެ އަދަބަކީ 18 އަހަރަށް ޖަލަށްލުމާއެކު 1 ލައްކަ ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މީގެއިތުރުން  ގޭންގަކަށް މީހުން މީހުން ހޯދިނަމަ އެމީހެއްގެ އަދަބަކީ 20 އަހަރަށް ޖަލަށްލުމާއެކު 1 ލައްކަ ރުފިޔާ އާއި 7 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެ ފަދަ ގޭންގަކަށް ކުޑަކުއްޖަކު ވައްދައިފިނަމަ އެމީހެއް އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު 2 ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް