ޕީސީބީން މިއަދު ވަނީ ކުންފުނިތަކުގެ ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅުތަކެއް އެޅުމަށް އަންގާފައެވެ.
ޕީސީބީއިން ކުންފުނިތަކަށް ފޮނުވި ސާކިއުލާގައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ހާލަތުން އަރައިގަނެ، ދައުލަތުގެ ހަރަދުތައް ހަމަ މަގަށް އެޅުވުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާކަން ފާހަގަކޮށްފައެވެ.
ކުންފުނިތަކުންވެސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަންގާފައެވެ.
އެގޮތުން މިވަގުތު ކޮންމެހެން ބޭނުން ޖެހިގެން ނޫނީ މުވައްޒަފުން ނުނެގުމަށް ކުންފުނިތަކަށް ޕީސީބީން ވަނީ އަންގާފައެވެ. މީގެއިތުރުން ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ. އަދި ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުމަށްވެސް ވަނީ އަންގާފައެވެ.
ބޭރު ގައުމުތަކަށް ކޮންމެހެން ދަތުރެއް ކުރަންޖެހިގެން ކުރާ ދަތުރުތަކުގައިވެސް ބިޒްނަސް ކްލާސް ނުވަތަ ފަސްޓް ކްލާހުގައި ދަތުރު ނުކުރުމަށާއި އަދި ދަތުރުގެ ހަރަދުތައް ބޭރުގެ ފަރާތްތަކުން ދިން ނަމަވެސް ކުންފުނިން އެކަމަށް ކުރަންޖެހޭ ހަރަދުތައް ކުޑަކުރުމަށް ވަނީ އަންގައިފައެވެ. އަދި ސީދާ ގޮތުން ފައިދާނުވާ މަހާސިންތާތަކާއި ފެއާތަކުގައި ކުންފުނިތަކުން ބައިވެރިނުވުމަށްވެސް ޕީސީބީން ވަނީ އަންގާފައެވެ.
ހަރަދު ކުޑަކުރަން އަޅަން އެނގި އިތުރު ބައެއް ފިޔަވަޅުތައް
- ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މީހުން ނުނެގުން.
- ޕީސީބީން އާންމުކޮށްފައިވާ މިންގަނޑާ އެއްގޮތަށް ނޫނީ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުން.
- އިތުރު ގަޑީގެ މަސައްކަތްތައް ކޮންމެހެން ކުރަން ޖެހިގެން ނޫނީ ނުކުރުން.
- ޑޮލަރުން މުސާރަ އާއި އިނާޔަތް ދިނުން ހުއްޓާލުން.
- ކޮންމެހެން ކުރަންޖެހޭ ޖެހިގެން ނޫނީ މަސައްކަތެއް އައުޓްސޯސް ނުކުރުން.
- މުވައްޒަފުން އިތުރުވާނަމަ ނުވަތަ އައިޑަލްޓައިމް ގިނަނަމަ، ޕްރޮޖެކްޓްތަކުގައި އެ މުވައްޒަފުން ބޭނުންކުރުން.
ޕީސީބީން ވަނީ ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމަށާއި އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގައި ކެއުމުގެ ހަރަދުތައް ކުޑަކުރުމަށްވެސް ކުންފުނިތަކަށް އަންގާފައެވެ. އަދި އިވެންޓުތަކަށް ކުރާ ހޭދަ ކުޑަ ކުރުމާއެކު ސީއެސްއާރު އަދި ސްޕޮންސާޝިޕް ދިނުމުގައި ވެސް ޕީސީބީގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށްވެސް ކުންފުނިތަކަށް ޕީސީބީން ވަނީ އަންގާފައެވެ.