
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވައިޓްހައުސްގައި ބޭއްވި ބައްދަލުވުމަށް ފަހު ޓްރަމްޕް ވިދާޅުވީ ގާޒާ ހިފުމަށްފަހު އެމެރިކާއިން އެތަން އަލުން އާބާދުކޮށް، އެތައް ހާސް ވަޒީފާ އުފައްދާނެ ކަމަށެވެ.
ހޯމަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ގާޒާއިން ވިއްސިވިހާލި ވެފައިވާ ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ފަލަސްތީނުގެ އެ މީހުންގެ ބިމަށް އެނބުރި ދިއުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ.
ޗައިނާ ހާރިޖީ ވުޒާރާގެ ތަރުޖަމާން ގުއޯ ޖިއާކުން ވިދާޅުވި ގޮތުން ޣައްޒާގައި ފަލަސްތީން މީހުން ނޫން ބައެއްގެ ހައްގު އޮތް ކަމަށް ޗައިނާ ދުވަހަކުވެސް ގަބޫލުނުކުރާނެ އެވެ.
ގާޒާ ރައްޔިތުން އަމިއްލަ ބިމުން ބޭލުމަށް އެމެރިކާގެ ރައީސް ގެންގުޅުއްވާ އަޑި ނޭގޭ ރޭވުމަކީ އަދަކު އަދި އިއްޔެއަކު ބަޔަކު ލައިދީގެން އުޅޭ ބުއްދިއެއް ނޫން ކަމަށްވެސް ތަރުޖަމާން ވިދާލުވި އެވެ.
ފަލަސްތީނު އޮތޯރިޓީ އާއި ހަމާސް އަދި އަރަބި ގައުމުތަކުން ވެސް ވަނީ ޓްރަމްޕްގެ ހުށަހެޅުއްވުމާ ދެކޮޅު ހަދާފައެވެ. ޗައިނާއިން ވެސް ވަނީ ޣައްޒާ ނިސްބަތްވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަށް ބުނެފަ އެވެ.
ހަމަލާތައް ހުއްޓާލި ފަހުން ހަމާސްއިން ރަހީނު ކޮށްފައި ތިބި އިޒްރޭލުގެ ބައެއް މީހުން މިހާތަނަށް ދޫކޮށްލާފައިވާއިރު، އިޒްރޭލުން ރަހީނު ކޮށްފައި ތިބި ބައެއް ފަލަސްތީނު މީހުން ވެސް ވަނީ ދުކޮށްލާފަ އެވެ.
7 އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 61700 މީހުން މަރާލައިފަ އެވެ. ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުން މަރުވީ 1139 މީހުންނެވެ.