
ރައީސް ޑރ ލ. މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި އެންމެ ހަގު ދަރިކަލުން މިއަދު ހެނދުނު ވަނީ ރަސްފަންނަށް ޒިޔާރާތްކުރައްވައިފައެވެ. މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެ ސަރަހައްދުގައި އުޅުނު އާންމުންނާ ބައްދަލުކުރައްވައި ވާހަކަދައްވައިފައެވެ.
މި ޒިޔާރަތަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކް ގެ ހާލަތު ފެނިފައި ހިތާމަކުރައްވާކަމަށެވެ. ދެ ތަންވެސް ދަނީ ވީރާނާވަމުންކަން ފާހަގަކުރައްވާ މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަންކަން ްެއެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ދެތަންވެސް މަރާމާތުކޮށް ކުރިޔަށް ވުރެ ފުރިހަމަކޮށް ހައްދަވާދެއްވާނެކަމަށެވެ.
ރަސްފަންނާއި ސަލްޓަން ޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކޮށްފައިވާ ތަންތަނެވެ. އެތަންތަން ހެދުމުގައި އިސްކޮށް ހުންނެވީ އޭރުގެ ހައުސިން މިނިސްޓަރު، ރައީސް ޑރ. މުއިއްޒުއެވެ.
ސަލްޓަން ޕާކު 2016 ފެށިގެން އެއްވެސް މަރާމާތެއް ކޮށްފައި ނުވާތީ އެތަނުގައި ހުރި ތަކެތި ބޭނުންކުރުން ރައްކާތެރި ނޫންކަމަށް ދާދި ފަހުން ސިޓީ ކައުންސިލުންވެސް ވަނީ ބުނެފައެވެ. އަދި އެތަން މަރާމާތުކުރަން މިމަހު އިއުލާންކުރާނެ ކަމަށްވެސް ކައުސިލުން ވަނީ ބުނެފައެވެ.