
ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު އެ އިދާރާއިން ކޮށްފައިވާކަމަށެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 235 އުޅަނދެއް ޓޯ ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 201 ސައިކަލު، ހަތަރު ފުރޮޅުލީ 31 އުޅަނދު އަދި 3 ބައިސްކަލުކަމަށް ފުލުހުން ބުނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ރޭމްޕްތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން ރޭމްޕްތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ވެރިންނަށް ގުޅައި، އުޅަނދު ނުނަގައިފިނަމަ ޓޯކުރުމާއި ޖޫރިމަނާކުރުން ހިމެނެއެވެ.
މާލޭ މަގުތަކަށް އުކާލާފައިވާ އުޅަނދުތައް ފުލުހުން ނަގަނީ
މި މައްސަލަ ބޮޑުވެފައިވާކަން ފާހަގަކޮށް ކެއަރ ސޮސައިޓީން ވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި ފެނިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ރޭމްޕްތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކެވެ. ގިނަ ފަހަރު ގެއަށް ވަދެވުމާއި ނިކުތުމުގައި އެހެން މީހުންގެ އެހީ ހޯދަން ޖެހޭކަން ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު އިތުރަށް ބުނީ މި މައްސަލައަށް ހައްލެއް ހޯދުމަށް ރޯޑް ޕޮލިސްއިން ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.