
މިއީ މަޖިލިސް މެންބަރުންނަށް ހާއްސަކޮށްގެން އައިޔޫއެމްއިން ފަށާ ޝަރީއާ އެންޑް ލޯ ކޯހުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 26 މެންބަރުން ބައިވެރިވާއިރު، އޭގެ ތެރެއިން 18 މެންބަރުން ކިޔަވާނީ ބެޗްލާސް ޑިގްރީއަށެވެ. އަދި އަށް މެންބަރުން ކިޔަވާނީ އެޑްވާންސް ސެޓްފިކެޓް ކޯހުގައެވެ. މި ކޯހުގެ ހުރިހާ ހަރަދެއް ކުރާނީ ކޮންމެ މެންބަރަކު އަމިއްލައަށެވެ.
މި ކޯހުގެ މައިގަނޑު މަގުސަދަކީ މެންބަރުންނަކީ ގާނޫނު ހަދާ ބޭފުޅުންނަށް ވާތީ، އެ ދާއިރާގެ ކަންކަން ދެނެގަތުން ކަމަށް ޕީއެންސީން ބުނެއެވެ. އަދި މި ކޯހުގައި ކިޔަވާ ބައެއް މެންބަރުންނަކީ އެހެން ދާއިރާތަކުން މާސްޓާސް ފުރިހަމަކޮށްފައިވާ ބޭފުޅުން ކަމަށް ވެސް ޕީއެންސީން ބުނެއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ މަޖިލީހަކީ މަތީ ތައުލީމު ހާސިލްކޮށްފައިވާ، ގާބިލް މެންބަރުންތަކެއް ތިބި މަޖިލީހަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މި ކޯހުގެ ކިޔެވުން ފެށުމުގެ ކުރިން މަޖިލީހުގެ މެންބަރުންނާއި އައިޔޫއެމްގެ އިސްވެރިން ބައްދަލުކޮށް، ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާ މެދު މަޝްވަރާކޮށްފައި ވެއެވެ.