ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކައުންސިލް އިންތިހާބުގެ ބިލު އަވަހަށް ނިންމައިދިނުމަށް ކޮމިޓީން އެދިއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ސަރުކާރުން ހުށަހަޅާފައިާ ހާއްސަ ބިލުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީން އެދިއްޖެއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސޮއި ކުރައްވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހަކު ކައުންސިލް އިންތިހާބުގައި ވާދަކުރާނަމަ އެ މީހަކު ސިވިލްސާވިސްގެ ވަޒީފާއިން ސަސްޕެންޑްވާކަމަށެވެ. 

ކުރިއަށް އޮތް އިންތިހާބުގައި ސިވިލްސާވިސްގެ އެތަކެއް މުވައްޒަފުން ކުރިމަތިލާފައިވާކަން ފާހަގަކޮށް ރޮޒައިނާގެ ސިޓީގައި ބުނެފައިވަނީ، އެ މުވައްޒަފުންނަކީ އިންތިހާބު ބޭއްވުމުގެ 30 ދުވަސްކުރުން ސަސްޕެންޑްވެފައިވާ ފަރާތްތަކެއްކަމަށެވެ. ނަމަވެސް ކޮވިޑް19 އާއި ގުޅިގެން އިންތިހާބު ވަކި މުއްދަތެއްނެތް ގޮތަށް ފަސްކުރުމުން ސިވިލްސާވިސްގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަސްޕެންޝަން ދެމިގެންގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ. 

އަދި އެ ފަރާތްތައް ދިގު މުއްދަތަކަށް ސަސްޕެންޝަންގައިތިބެންޖެހުމުން ގިނަ ދަތިތަކަކާ ކުރިމަތިވެފައިވާކަމަށް ސިޓީގައި ވެއެވެ.

"އަދި ކޮވިޑް19 ގެ މިހާލަތުގައި އިންތިހާބު ނުބޭއްވި ގިނަ ދުވަސްތަކެއްވަމުންދާ މިދަނޑިވަޅުގައި ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ސަސްޕެންޑްވެފައިވާ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ނުލިބި ގިނަ ދުވަސްތަކެއް ހިނގަމުންދާއިރު، އަދި ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އެ މުވައްޒަފުންނަށް ލިބެންޖެހޭ ރަމަޟާން މަހުގެ އިނާޔަތް އެ މުވައްޒަފުންނަށް ލިބޭގޮތްވެފައި ނުވުމަކީ ކޮމިޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ."

އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭނީ ކޮވިޑް19 ގެ ޙާލަތު ރަނގަޅުވެ އެކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެންގުމުން ކަމަށްވެފައި، އެ ހާލަތު އަންނާނެ ތާރީހެއް މިވަގުތު އެނގެން ނެތުމާ ގުޅިގެން، އެ ކަމުގެ ސަބަބުން ދިމާވެދާނެ ޤާނޫނީ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވައި، އަދި ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވާފައިވާ "ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ވީ އެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަކީ މުހިންމުކަމެއްކަމުގައި ކޮމިޓީން ދެކޭ ކަމަށް ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ވެއެވެ. 

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ މުއްދަތު 3 ޖޫން 2020 ވަނަ ދުވަހަށް ހަމަވާތީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން 4 އޭޕްރީލް 2020 ގައި އިންތިހާބުގެ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރިއެވެ. އަދި ކޮވިޑް19 އާ ގުޅިގެން 12 އޭޕްރީލް 2020 ވަނަ ދުވަހާއި ހަމައަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން، އެ އިންތިހާބު ބޭއްވުން 18 އޭޕްރީލް 2020 އަށް ލަސްކޮށް އެކަން އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފައިވެއެވެ. އެހެންނަމަވެސް އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު 30 އޭޕްރީލް 2020 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާގޮތުގެ މަތިން 2020 ވަނަ އަހަރު ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ބޭއްވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިޢުލާނުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް