
ގާނޫނުއަސާސީ އަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވެ އެވެ.
އިއްޔެ އާއި މިއަދުގެ އަޑުއެހުމުގައި ވެސް މައިގަނޑު ގޮތެއްގައި އޮތް ކަމަކީ ހުރިހާ ހަސްމަކުން އެ އިއުތިރާޒީ ނުކުތާއާ މެދު ވާހަކަ ދެއްކުމާއި ފަނޑިޔާރުން ކުރައްވާ ސުވާލުތަކަށް ދައުލަތުންނާއި މައްސަލަ ހުށަހެޅި ފަރާތުން ޖަވާބު ދިނުމެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު މިއަދު ބައިގަޑިއިރެއްހާ އިރަށް ފަނޑިޔާރުން އަޑުއެހުން މެދު ކަނޑައިލި އެވެ. އެއީ މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ފަނޑިޔާރުން ވަކި ގޮތެއް ނިންމެވުމަށެވެ.
ދެން އަޑުއެހުން ފައްޓަވަމުން ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ސުޕްރީމް ކޯޓުގެ އިހުތިސޯސާ މެދު ދައުލަތުން ހުށަހަޅާފައިވާ ނުކުތާއާ މެދު ގޮތެއް ނިންމާނީ މުޅި މައްސަލަ ބެލުމަށް ފަހު ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދަން ނިންމަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި އަލީ ހުސެއިން ހުށަހެޅުއްވި މައްސަަލައަށް ޖަވާބުދާރީވުމަށް ދައުލަތަށް 10 ދުވަސް ދެއްވި އެވެ. އެއީ ބަންޑާރަ ނައިބުގެ ވަކީލުން ވެސް ޖަވާބު ހުށަހެޅުމަށް އެދުނު މުއްދަތާ އެއް ގޮތަށެވެ.
ފަނޑިޔާރުން އެގޮތަށް ނިންމުމުން ވެސް ދައުލަތުން ވަނީ އިޖުރާއީ އިއުތިރާޒާ ގުޅޭގޮތުން ފަނޑިޔާރުން ނިންމެވި ގޮތެއް ދުރާލާ ދައުލަތަށް ފޮނުވޭނެ ގޮތެއް އޮތްނަމަ، އެކަން ކޮށްދެއްވުމަށް އެދިފަ އެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމުން ބަދަލެއް ނުކުރައްވަ އެވެ.
މި އިޖުރާއީ އިއުތިރާޒާ ގުޅިގެން އަލީ ހުސެއިންގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ އެކަމަށްޓަކައި ފާސްކުރާ ގާނޫނަކުން ކަމަށާއި އެހެންކަމުން، "ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ ސަބަބެއް އޮވެގެން ކަމަށެވެ.
އެ މައްސަލަ ހުށަހަޅަން ޖެހުނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ އެކު މެންބަރުން އިންތިޚާބުވި ޕާޓީން، އެ މެންބަރަކު ވަކިކޮށްފި ނަމަވެސް ގޮނޑި ގެއްލޭނެތީ އެވެ. އެހެންވެ، މެންބަރުންގެ މިނިވަންކަމަށް އަސަރުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުމާ އެމްޑީޕީން ވެސް ވަނީ ޝަރީއަތުގެ މަޖިލީހުގައި މިއަދު ދެކޮޅު ހަދައިފަ އެވެ. އެ މައްސަލައަށް ތަދައްހުލުވެފައިވާ އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ގާނޫނުއަސާސީން މަޖިލީހަށް ދީފައި އޮތް ބާރަކީ އިސްލާހު ކުރުން ކަމަށާއި ގާނޫނުއަސާސީ މުގުރާލުން ނޫން ކަމަށެވެ.
މަޖިލީހަށް ވެސް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ އަސާސީ ސިފަތައް ނުގެއްލޭ ގޮތަށް ކަމަށާއި އެއާ ހިލާފަށް ގެންނަ އިސްލާހެއްގެ މައްސަލަ ޖުޑިޝަލް ރިވިއު މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަނަސް ވިދާޅުވި އެވެ.
އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީން އަންނަނީ އެ އިސްލާހު ދިފާއުކުރަމުންނެވެ.
އެ ގޮތުން، މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކުގެ ކޮމިޓީތަކަށް ނުދޭނެ ކަމަށާއި ޕާޓީތަކުން މެންބަރުން ވަކިކުރެވޭނެ ގޮތުގެ ގާނޫނެއް އެކުލަވައިލާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.