
މި ބޮޓަކީ ދަރިވަރުންނަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ލިބިގަތުމަށް އެހީތެރިވެދޭނެ ޒަމާނީ ވަސީލަތެކެވެ.
މިނިސްޓްރީން މިއަދު ބުނީ މި ބޮޓް ހިމެނޭނީ އަލަށް ތައާރަފުކުރާ މޮބައިލް އެޕްލިކޭޝަނެއްގައި ކަމަށެވެ. މި އެޕް މެދުވެރިކޮށް ދަރިވަރުންނަށް އެމީހުންގެ ފޯމުގެ ސްޓޭޓަސްއާއި، ޕޭމަންޓް ޕެންޑިން އަދި ޑިސްބަރސްމަންޓް ތާރީހުތައް ބެލޭނެއެވެ. މިހާރު އޭއައި ބޮޓް ތަމްރީނުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މި ހިދުމަތް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ މާލީ ދަތިތަކަށް ހައްލު ހޯދުމެވެ. އަދި މި ނިޒާމުގެ ސަބަބުން ދަރިވަރުންނަށް ދިމާވާ އެކިއެކި މައްސަލަތައް އަވަސް މުއްދަތެއްގައި ހައްލުކުރެވިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
މި ސިސްޓަމް އޮކްޓޯބަރު މަހުގެ ކުރިން ތައާރަފުކުރުމަށް ވަނީ ރޭވިފައެވެ. މިހާރުވެސް މިނިސްޓްރީން ދަނީ ސެމީ-އޮޓޮމޭޓެޑް ޕްރޮސެސްއެއްގެ ދަށުން ލޯނު، ސްކޮލަރޝިޕް އަދި ފުރަތަމަ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންނަށް ހިދުމަތް ފޯރުކޮށްދެމުންނެވެ.