ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ހަނދު ފެނިއްޖެނަމަ ރަށުގައި ނަމަ، މެޖިސްޓްރޭޓް ކޯޓުގައި އަދި މާލޭގައި ނަމަ އެ ޑިޕާޓްމަންޓަށް ހެކި ބަސް ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އެކަަމަކު މިދުވަސްވަރަކީ ކޮވިޑް-19އާ ގުޅިގެން އޮފީސްތައް ނުހުޅުވާ ދުވަސްތަކަކަށްވާތީ، ހަނދު ފެނިއްޖެކަމަށް ހެކިބަސް ދޭން ބޭނުންވާނަމަ، ރަށެއްގައިނަމަ، އެރަށެއްގެ މެޖިސްޓްރޭޓު ކޯޓުން އާއްމުކުރާ ގޮތަށް އަމަލުކޮށް ހެކިބަސް ދިނުމަށް ވަނީ އެދިފަ އެވެ.
އަދި މާލޭގައި ނަމަ، 7704777 ނަންބަރު ފޯނުން އެ ޑިޕާޓްމަންޓަށް ގުޅުއްވައި، އެމައުލޫމާތު ހިއްސާ ކުރުމަށާއި ޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތީން މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ހެކިބަސް ދިނުމަށް ވެސް ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންގަ އެވެ.
އޭގެ އިތުރުން މި އިއުލާނުގައި ބުނީ ހަނދު ފެނިގެން އެކަމުގެ މައުލޫމާތުދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މުހިއްމު މައުލޫމާތު ދޭންޖެހޭނެ ކަމަށެވެ.
ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ނެގުމަށް، މިމަހުގެ 22 ވާ ބުދަ ދުވަހުގެ ހަވީރު 06:00 ން ފެށިގެން އިރުއޮއްސި 7:30 އަށް އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި މުއާމަލާތު ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް އެ އިއުލާނުގައި ބުނެ އެވެ.
މިހެންވެ، މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް އެ މައުލޫމާތެއް ހިއްސާކުރުމަށް ވެސް ޑީޖޭއޭ އިން އަންގަ އެވެ.