
ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް މުސާރައާއި އިނާޔަތްތަކަށް 1.14 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން މިމަހުގެ 13 ވަނަ ދުވަހު ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ފާއިތުވި އަހަރު މި މުއްދަތުގައި މުސާރައާއި އިނާޔަތްތަކަށް ހަރަދުކޮށްފައިވަނީ 1.02 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދުގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކުރެވެނީ މުސާރައާއި އިނާޔަތްތަކަށެވެ. މި މުއްދަތުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ޖުމުލަ 2.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އަދި މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމުލަ ހަރަދުގެ ގޮތުގައި 3.04 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ކެޕިޓަލް ހަރަދުގެ ގޮތުގައި 169.8 މިލިއަން ރުފިޔާ އާއި ލޯނު އަނބުރާ ދެއްކުމަށް 474.8 މިލިއަން ރުފިޔާ ހިމެނެއެވެ.