
ސިވިލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ބުނެފައިވަނީ، މި ދަރަންޏަކީ ރުކުމާއަށް ބީއެމްއެލްއިން ދޫކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑަށް 2021 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ދައްކަންޖެހި، ނުދައްކާ އޮތް 4،088 ޑޮލަރާއި، އޭގެ އިންޓްރެސްޓާއި ޖޫރިމަނާ ކަމަށެވެ. އަދި މިހާރު އެ އަދަދު ވަނީ 4،542 ޑޮލަރަށް އިތުރުވެފައެވެ.
މި މައްސަލައިގައި މިއީ ދެ ވަނަ ފަހަރަށް ސިވިލް ކޯޓުން ކުރި ހުކުމެވެ. މީގެ ކުރިން 2021 ވަނަ އަހަރުގެ އޭޕްރިލް މަހު ވެސް ކޯޓުން ވަނީ އެ ދަރަނި އަށް މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައެވެ. އެހެންނަމަވެސް އެ ހުކުމާ އެއްގޮތަށް ރުކުމާ ފައިސާ ދައްކާފައިނުވާތީ، ބީއެމްއެލްއިން ވަނީ އަލުން މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.
އިތުރު ތަފްސީލުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބީއެމްއެލްއާއި ރުކުމާއާ ދެމެދު ދަރަނި ދެއްކުމުގެ އެއްބަސްވުމެއް ވެސް ވެފައިވާ ކަމަށް ބީއެމްއެލްއިން ކޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް ވެސް ފައިސާ ދައްކާފައިނުވާކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.
ރުކުމާއަކީ މިދިޔަ އަހަރުގެ އޯގަސްޓު 24 ގައި ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ފަރާތެވެ.