
ހެޑް އޮފް ގޭންގްކްރައިމް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފް ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވިދާޅުވީ މި ސޭފްހައުސްތަކުގައި ތޫނު ހަތިޔާރާއި މަސްތުވާތަކެތި ރައްކާކުރުމުގެ އިތުރުން ކުޑަކުދިން ވެސް ގެންގުޅޭ ކަމަށެވެ. އަދި މިކަމަކީ ފުލުހުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސޭފްހައުސްތަކުގައި ހިންގާ ހަރަކާތްތައް އެނގުމުން، ގޭގެ ވެރިފަރާތްތަކާއި ކުއްޔަށް ހިފާ ފަރާތްތަކާ ދެމެދު ދެ ބަސްވުން އުފެދި، ކުއްޔަށް ހިފާ ފަރާތްތަކުން ތަނުގެ ވެރިންނަށް ބިރުދައްކައި، ތަންތަނަށް ގެއްލުން ދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިކަމާ ގުޅިގެން އެޕާޓްމަންޓް ކުއްޔަށް ދޫކުރާއިރު ރަނގަޅަށް ބެލުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް 57،580 ފަހަރު ގޭންގްތަކުގެ ހަރަކާތްތައް ހިންގާ ސަރަހައްދުތައް ބަލާ ފާސްކޮށްފައިވެއެވެ. އަދި މި މުއްދަތުގައި 12،822 މީހުންނާ ސުވާލުކޮށްފައިވާއިރު، 431 ކުޑަކުދިން ގޭންގު ހަރަކާތްތަކުގައި ބައިވެރިވާކަން ފާހަގަކުރެވިފައިވެއެވެ.