
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި މައްސަލަ ބޭރުކޮށްލީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މި މައްސަލަ ބޭރުކޮށްލި ސަބަބެއްގެ ގޮތުގައި އެއީ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކާ ގުޅިގެން ހިނގާނެ ބަހުސްއާ ގުޅޭ މައްސަލައަކަށްވާތީ، ކުއްލި މައްސަލައެއްގެ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް ބުނެއެވެ.
މި މައްސަލަ ހުށަހެޅިފައި މިވަނީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލަކާ ގުޅިގެންނެވެ. އެ ބިލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކޮށް، ފަނޑިޔާރުން ވަކިކުރެވޭނެ ގޮތާއި މުއްދަތު ވެސް ހިމަނާފައިވެއެވެ.
އިދިކޮޅުން ބުނާ ގޮތުގައި މި ބިލަކީ ގާނޫނުއަސާސީއާ ގުޅޭ ހައްސާސް މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް، އެ ކޯޓަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ހުށަހަޅާފައިވާ ބިލެކެވެ. އަދި މި ބިލު ފާސްވެއްޖެނަމަ، ގާނޫނުއަސާސީން އެކަށައަޅާފައިވާ ތިން ބާރު ވަކިވުމުގެ ނިޒާމު ރޫޅި، ދައުލަތުގެ އެންމެހާ ބާރުތައް ސަރުކާރުގެ އަތްމައްޗަށް ދާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.