
އިހުސާން މަގާމުން ވަކިކުރަން ނުފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި
އަލީ މިދުހަތު
25 ފެބްރުއަރީ 2025 - 14:08:07
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކި ކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި އިތުބާރުނެތް ކަމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުން ފާސްނުވެ، ފެއިލްވެއްޖެ އެވެ.
އިހުސާން މަގާމުން ވަކި ކުރަން އެމްޑީޕީގެ 12 މެމްބަރަކު ސޮއިކޮށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ، އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީގެ 64 މެންބަރަކު ވޯޓު ދެއްވީ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމާ ދެކޮޅަށެވެ.
މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްވުމަށް މަޖިލީހުގެ 47 މެންބަރުންގެ ވޯޓު ބޭނުންވެ އެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިއްބަވަނީ 12 މެންބަރުންނެވެ.
އެ ތުހުމަތުތަކަށް އިހުސާން މިއަދު ވަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ފުރިހަމައަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ކަމެއް ގަވައިދާ ހިލާފަށް އަދި އޭނާގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ކޮށްފައިނުވާނެ އެވެ.
މިނިސްޓަރު އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވާހަކަދެއްކެވި ޕީއެންސީގެ ހުރިހާ މެންބަރުންހެން ވަނީ އިހްސާނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރައްވައި އަދި ގައުމުގައި ހުރި އެންމެ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ނަތީޖާ ނެރުއްވަމުން ގެންދަވާ ވަޒީރެއް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އެކަމަކު އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ އިހްސާނަށް އިތުބާރު ނެތް ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން މިނިސްޓަރު އިހްސާނަކީ އިތުބާރު ނެތް ކަމުގެ މައްސަަލައަކާ ކުރިމަތިލެއްވުމަށް ޖެހިވަޑައިގެންނެވި ފުރަތަމަ މިނިސްޓަރު އެވެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް