ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފުލުހުންނަށް އަންގަވާފައިވާކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިރެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މި ރެއިން ފެށިގެން ކޮންމެ ރެއަކު ދަންވަރު 00:00 އިން ހެނދުނު 06:00 އަށް މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިޔަށް ގެންދާނެކަމަށެވެ. މި މަސައްކަތް މާލެއާއި ހުޅުމާލެގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިޔަށް ގެންދާނެކަަމަށް ފުލުހުން ބުނެެއެވެ.
މި މަސައްކަތުގެ ދަށުން ދަންވަރުގެ ވަގުތުތަކުގައި ބޭނުންމެއްނެތި ބާރުގައި އުޅޭ ބިދޭސީން ހުއްޓުވާ މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ހާއްސަކޮށްް މާލެއާއި ހުޅުމާލޭގައި އާއްމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާކަތު ބަލާ އެ ފަރާތްތައް ރާއްޖޭގައި ދިރިއުޅެމުންދަނީ ގަވައިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރިޔަށް ދާނެކަމަށް ފުލުހުން ބުނެއެވެ.
މިގޮތަށް ބިދޭސީން ބަލައި ފާސްކުރުމުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ގަވައިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންނާއި މެދު ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށްޓަަކައި އެފަދަ ފަރާތްތައް އިމިގްރޭޝަނާއި ހަވާލުކުރާނެކަަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.