
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުވެސް ކަރަންޓްބިލާއި ފެން ބިލުން ޑިސްކައުންޓް ދޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފައެވެ.
ރައީސްގެ މި ނިންމުމާއި އެކު ސްޓެލްކޯއިން މިހާރު ވަނީ ރޯދަމަހުގެ ބިލްތަކުން ޑިސްކައުންޓް ދިނުމަށް ތައްޔާރުވެފައެވެ. ރޯދަމަހު ކަރަންޓް ބިލުތަކުން ޑިސްކައުންޓް ދޭނެ ގޮތް ނޫސްވެރިންނަށް ކިޔާދެއްވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ، ބިލްތަކަށް ޑިސްކައުންޓު ދޭނީ ރޯދަމަހު ބޭނުންކޮށްފައިވާ ކަރަންޓަށް އެކަނި ކަމަށެވެ. އެގޮތުން އެމަހަށް ވަކިން ކަރަންޓް ރީޑިން ނަގާ ވަކި ބިލެއް ތައްޔާރުކުރާނެކަމަށް ސަލީމް ވިދާޅުވިއެވެ.
ސީނިއާ މެނޭޖަރު އަލީ މުޖުތަބާ މުހައްމަދު ވިދާޅުވީ، މިދިޔަ އަހަރު ބިލަށް ޑިސްކައުންޓު ދިނީ ރޯދަ މަހުގެ ބިލާ ފާއިތުވި ނުވަ މަހުގެ ބިލާ އަޅާކިޔުމަށްފަހު އާންމުކޮށް ބިލަށް އަރާ މިންވަރު ބަލާފައިކަމަށެވެ. ކޮންމެ ގޭބީސީއަކަށް ވެސް މަދުވެގެން ދިހަ އިންސައްތައިގެ ޑިސްކައުންޓެއް ދޭނެކަމަށާއި ގިނަ ވެގެން ޑިސްކައުންޓު ދޭ ލިމިޓެއް އަދި ކަނޑައޅާފައި ނުވާކަމަށް މުޖްތަބާ ވިދާޅުވިއެވެ.
މީގެއިތުރުން މި ރޯދަމަހުން ފެށިގެން ބިލު ކުރާ ގޮތަށްވެސް ބަދަލުތަކެއް ގެނަން ވަނީ ނިންމާފައެވެ. އެގޮތުން ރޯދަ މަހުން ފެށިގެން ރީޑިން ނަގަން ފަށާނީ މަހުގެ ފަހުކޮޅުގައިކަމަށް މުޖްތަބާ ވިދާޅުވިއެވެ. މި ބަދަލު ގެންނަނީ މުސާރަ ލިބޭ ދުވަސްކޮޅަށް ބިލު ދައްކަން ފަސޭހަކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭރުން ރީޑިން ނަގާ ދުވަހުގެ އަނެއް ދުވަހު ކަރަންޓު ބިލު ލިބޭނެކަންވެސް މުޖްތަބާ ފާހަގަކުރެއްވިއެވެ.