
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ އޮންލައިން ޕޯޓަލް ވާރުޕޭ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަން ފައްޓަވާދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ދިވެހިންނަކީ ހެޔޮކަންކަމަށް ހޭދަކުރުމަށް ޝައުޤުވެރިކަން ހުރި ބައެއްކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އެހީތެރިވުމަށް ދިވެހިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ ވަޒީރު ރާއްޖޭން ބޭރުގެ އެކި ކަންކަމަށް އެހީތެރިވާ ފަދައިން ރާއްޖޭގެ އެތެރޭގައި ހުރި އެކި ހެޔޮ ކަންކަމަށްވެސް ހޭދަކުރުމަކީ މުހިއްމު ކަމެއްކަމަށެވެ.
އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާ ކުރުމާއި ޤުރުއާން ކުލާސްތަކާއި ލައިބްރަރީތައް ޤާއިމް ކުރުން ފަދަ މުހިއްމު ކަންކަން ކުރަން ޖެހިފައި އެބަހުރިކަން ފާހަގަކޮށް އެކަމަށް އެހީވުމަށް މިނިސްޓަރު ޝަހީމް ގޮވާލެއްވިއެވެ.
ވާރުޕޭ މެދުވެރިކޮށް ހެޔޮ ކަންކަމަށް ހޭދަކުރުމަށް އަލަށް ތައާރަފްކުރި ކަންތަކުގެ ތެރޭގައި މިސްކިތް ބިނާކުރުމާއި މިސްކިތްތައް މަރާމާތު ކުރުމާއި ގުރުއާން މަރުކަޒުތައް ގާއިމްކުރުމާއި ހެޔޮ އެކި ކަންކަމަށް ހައިރާތުގެ ގޮތުގައި ސަދަގާތް ކުރުމުގެ ފުރުސަތު ހިމެނެއެވެ.
މިސްކިތް އަޅަން ކޮންމެ ދިވެއްސެއްގެ އަތުން 1000 ރުފިޔާ ނަގަން ކެމްޕެެއިނެއް ފަށަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޖަމިއްޔާ ޖަމާއްތަކަށް މީގެކުރިން ގޮވާލާފައެވެ.