
އޮރެންޖު އެލާޓް ނެރެފައިވަނީ މާލެ ސަރަަހައްދު ހިމެނޭހެން ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ.
މިރޭ 9:45 އިން ދަންވަރު 12 އަށް ނެރުނު އޮރެންޖު އެލާޓުގައިވާ ގޮތުން މި ވަގުތުތަކުގައި މި ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކުރެވެ އެވެ.
ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީންދޫ ސަމާލު ނެރެފައި ވާއިރު، ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވެސް ވަނީ ހުދު ސަމަލު ނެރެފައެވެ. މި ސަމާލު ނެރެފައި ވަނީ، މިރޭ 9:00 ފެށިގެން މެންދަމު 2:00އާ ހަމައަށެވެ. އެ އަތޮޅުތަކަށް ވެސް ބޯކޮށް ވާރެވެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެފައި ވެއެވެ.
އެމްއެންޑީއެފުން އަންނަނީ މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެގެން، ތިން ސަރަހައްދެއްގައި ފެންހިންދުމަށް ހަރަކާތްތެރިވަމުންނެވެ. އެއީ، އައިޖީއެމްއެޗާއި ވެސްޓް ޕާކު އަދި މާފަންނު ފެރީ ޓަމިނަލް ސަރަހައްދުގަ އެވެ.
އަދި، ވެލިބަސްތާ ޖެހުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.