
މި މަހުގެ 10 ވަނަ ދުވަހުގެ 11:00 އާ ހަމައަށް ޝަކުވާތައް އޮތްނަމަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މަޖިލީހުން ބުނެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލެވޭ ޕޮލިސް ބޯޑަށް، އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ދެ މެންބަރުން ކަނޑައަޅަން ޖެހެއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިހާރު ތިބި ދެ މެންބަރުންގެ ދައުރު ހަމަވާތީއެވެ.
މި މަގާމުތަކަށް އައްޔަން ކުރާ މެންބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުން އޮފީހުން ބުނީ މިދިޔަ މަހު މި މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެއީ މއ. ލޫޕިން، އަހުމަދު މިޒްމާދު، ގއ. ކޮނޑޭ، ފަހެލާ/ އަހުމަދު މުއާވިޔަތު ގާސިމް، ގދ. މަޑަވެލި، ދޭލިޔާގެ/ ނިސްބާހު ހަސަން އަދި ދަފްތަރު ނަންބަރު ރސ 6613، މުހައްމަދު ސާދިގެވެ.
މިހާރު ޕޮލިސް ބޯޑުގައި އާންމުގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ހ. ޝޭޑީކޯނަރ، ހާމިދު އަބްދުލްގަފޫރާއި، ސ.ހުޅުދޫ ދެތަނޑިމާގެ އަލްއުސްތާޒާ ސަފާ ޝަރީފެވެ. މި ދެ ބޭފުޅުންގެ ދައުރު ހަމަވުމުން ބޯޑަށް އާ ދެ މެންބަރުން ހޮވިގެންދާނެއެވެ.
ޕޮލިސް ބޯޑަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލާ 7 މެންބަރުންގެ ބޯޑެކެވެ. މި ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި އާންމުންގެ ތެރެއިން އައްޔަން ކުރާ ދެ މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުން ހޮވާ މެންބަރުންނަކީ ރައްޔިތުންގެ ބަހެއް އަދި ފުލުހުންގެ ހިދުމަތާމެދު އާންމު ހިޔާލު ތަމްސީލުކުރާނެ ފަރާތްތަކެވެ.