
ދަތުރުފަތުރާ ބެހޭ މިނިސްޓްރީން ބުނީ މި ބަދަލުތައް ގެނެސްފައިވަނީ އޮފީސް ގަޑިތަކުގައި މަގުތަކުގެ ޓްރެފިކް ކުޑަކުރުމުގެ މަގުސަދުގައިކަމަށެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނާ އެއްގޮތަށް، މިއަދުން ފެށިގެން ރޯދަ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ގްރޭޓާ މާލެ ސަރަހައްދުގައި ބަރު އުޅަނދުތައް ދުއްވައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 4:30 އަށާއި، ރޭގަނޑު 8:00 އިން ހެނދުނު 8:00 އަށެވެ. މި އުސޫލު ޝައްވާލު މަހުގެ ފުރަތަމަ ހަފުތާގައި ވެސް ދެމިއޮންނާނެއެވެ.
ރޯދަ މަހުގެ ފަހު 10 ދުވަހުގައި މި ގަޑިތަކަށް އިތުރު ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ފަހު 10 ދުވަހުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 4:30 އަށާއި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ. ރޯދަ މަހުގައި މަގުމަތީގައި ކާރޫބާރޫ އިތުރުވާ ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި މުދާ އުފުލުން މަނާކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މުދާ އުފުލުމަށް ހުއްދަކޮށްފައިވާ ގަޑިތައް ނޫން އެހެން ގަޑިތަކުގައި ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލައިފިނަމަ 750 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން އިތުރަށް ބުނީ، ރޯދަ މަހު މަގުތަކުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ އަދަދު އިތުރުވެ ޓްރެފިކް ބެލެހެއްޓުމަށް އުނދަގޫވާތީ، މި ފިޔަވަޅުތައް އަޅަން ޖެހިފައިވާކަމަށެވެ.
ރޯދަ މަހުގައި ހާއްސަކޮށް މެންދުރާއި ހަވީރުގެ ވަގުތުތަކުގައި މަގުތަކުގައި ޓްރެފިކް އިތުރުވުމާއި ގުޅިގެން، ކަމާގުޅުންހުރި އިދާރާތަކުން ޓްރެފިކް ބެލެހެއްޓުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުން ދާކަންވެސް ފާހަގަކުރެވެއެވެ